ޙަލަބް އަދި “ތެދުވާނެއެވެ!”

ޝާމްކަރައިގެ ޙަލަބް މިވަނީ އަނެއްކާވެސް އަނިޔާވެރިންގެ ޝިކާރައަކަށްވެފައެވެ. ވަށައިގެން ފެންނަނީ ބޮމާއި މިސައިލުގެ “ވާރޭގެ” ސަބަބުން ވީރާނާވެ ފުނޑުފުނޑުވެ ބިމާއި ހަމަވެފައިވާ ސަހަރެކެވެ.

މިއީ އެ ސަހަރުގެ މައްޗަށް އަނިޔާވެރިން އަތްގަދަކުރި ފުރަތަމަ ފަހަރެއްނޫނެވެ. ޢުޘްމާނީ ޚިލާފަތު ވެއްޓިގެންދިޔަ ވަގުތު އިނގިރޭސިންނާއި ފަރަންސޭސި ލަޝްކަރުތަކުގެ ޝިކާރައަކަށްވެސް ޙަލަބުވިއެވެ. އެވަގުތުވެސް އިސްލާމްދީނާއި އަމިއްލަ ވަޠަނުގެ ދިފާޢުގައި ޙަލަބުގެ ހިތްވަރުގަދަ އެތައް ހާސް ޒުވާނުންނެއްވަނީ އެބައިމީހުންގެ ޖާނާއި މާލުން ޤުރުބާންވެފައެވެ. ޙަލަބުގައި ފަރަންޖީން ހިންގި ޖަރީމާތަކާއި މެދު މިއަދު އިންސާނިއްޔަތު “ލަދުގަތަސް”، އެވަގުތު އެ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވާނެ ބަޔަކު ނުވިއެވެ.

އެއަށްވުރެ ކުރިއަށްޖެހިލާނަމަ، މީލާދީން 1260 ވަނަ އަހަރު ހުލާކޫ ޚާން ޙަލަބަށް ވެރިވެގަނެ، ސަހަރުގައި ބޮޑުވެގެންވާ ޤަތުލު އާންމެއް ހިންގިއެވެ. އެކަމާއި ދެކޮޅަށް ވާހަކަދެއްކި ކޮންމެ ދުލެއް ބުރިކޮށްލެވުނެވެ. އަދި އުފުލި ކޮންމެ ބޮލެއް ލޮންސީގެ ކޮޅަށްނެގިއެވެ. ހުލާކޫ ޚާން، ޙަލަބުގެ އަހުލުވެރިންގެ ބުރިކޮށްލެވިފައިވާ ބޯތަކުގެ މަތީގައި އޭނާގެ ތަޚުތު ބެހެއްޓިއެވެ.

އެއަށްވުރެވެސް ކުރިއަށް ޖެހިލަމާއެވެ. މީލާދީން 1124 ވަނަ އަހަރު ޞަލީބީ ލަޝްކަރުތަކުން ޙަލަބު ޙިޞާރުކުރިއެވެ. އަދި ސަހަރު ހިފުމަށްފަހު އެހެނިހެން އަނިޔާވެރިން ފަދައިން ޙަލަބުގެ މަގުތަކާއި ގޯޅިތައް މަޢުޞޫމު ކުޑަކުދިންނާއި ޒުވާނުންގެ ލެއިން ކަޅިކޮށްލިއެވެ. މާބަނޑު އަންހެނުންގެ ބަނޑުފެޅުމަށްފަހު، ލޮންސީގެ ކުރިއަށް އެ ތުއްތު ހަށިތައް ނަގައިގެން އުފާ ފާޅުކުރިއެވެ. ނަމަވެސް މި ހުރިހާ ޒަޚަމްތަކަކަށްފަހުވެސް ޙަލަބު “މަރެއްނުވިއެވެ.” މީލާދީން 1183 ގައި ޙަލަބު، އަލުން ތެދުވިއެވެ. ނޫރުއްދީން ޒަންގީ އާއި ޞަލާޙުއްދީން އައްޔޫބީގެ މަސައްކަތްޕުޅުން ޞަލީބީންގެ އަތްދަށުން ޙަލަބު މިނިވަންކުރެއްވިއެވެ. އަދި އިސްލާމުންގެ ވަރުގަދަ ކިއްލާއަކަށް އެ ސަހަރު ހެއްދެވިއެވެ.

މިއަދު އަނެއްކާވެސް މިވަނީ އަނިޔާވެރިން ޙަލަބުގެ މައްޗަށްވެރިވެގަނެފައެވެ. ބައްޝާރުލް އަސަދާއި އޭނާގެ އަޢުވާނުންގެ އަނިޔާވެރިކަމުގެ ވާހަކަ ލިޔަން ގަލަންތައްވަނީ “ނުކުޅެދިފައެވެ.” ހިތްތައް ލޭގެ ކަރުނައަޅައެވެ. އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން އެތައް ހާސް ޒުވާނުންނެއް ޝަހީދުކޮށް، އެތައް ހާސް މަޢުޞޫމު ކުޑަކުދިންގެ ލޭ، އިންސާނުންގެ ސިފައިގައި ތިބި “ޖަނަވާރުންތައް” “ބޮއިފިއެވެ.” ހަމައެކަނި ބައްޝާރުގެ ވެރިކަން ދިފާޢުކުރުމަށްޓަކައި ރަޝިޔާ އާއި އީރާނާއި އަދި ދުނިޔޭގެ އެހެންވެސް ބާރުތަކުންނާއި ޝިޔަޢީންގެ “ކުލީ ސިފައިންގެ” ޖަމާޢަތްތަކުން، މިވަނީ އިސްލާމީ އުންމަތުގެ އެތައްހާސް ކުޑަކުދިންނެއްގެ ލެއިން އެބައިމީހުންގެ އަތްތައް މުޑުދާރުކޮށްފައެވެ. ދުނިޔޭގެ ލޮލުގައި “އަނދުންއަޅުވަން، ދުވާލުގެ ވަގުތުގައި ހަނގުރާމަ ހުއްޓައިލިކަން އިޢުލާނުކުރުމަށްފަހު، ރޭގަނޑު ގޮތެއްފޮތެއް ނުބަލައި ހަމަލާތައް ދެމުންގެންދެއެވެ. ޒުވާން އަންހެނުންގެ ޢިއްފަތްތެރިކަން ފޭރެމުންގެންދެއެވެ. ރާފިޟީންގެ މި އަނިޔާވެރި ޤަތުލު ޢާންމުތައް ހަލާކޫ ޚާނަށް ފެނިއްޖެނަމަ އޭނާވެސް “ލަދުގަންނާނެއެވެ.”

މިބޮޑުވެގެންވާ އަނިޔާވެރިކަމާއި ދެކޮޅަށް އަޑުއުފުލައި އިންސާނިއްޔަތާއި ޚިލާފު މިޖަރީމާތައް ހުއްޓުވުމުގައި “ބައިނަލްއަޤުވާމީ މުޖުތަމަޢޭ” ކިޔައިގެން މިއުޅޭ ޤައުމުތަކާއި ޖަމިއްޔާތައް މިވަނީ ފޭލިވެފައެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢު އެއްފަރާތުގައި ބާއްވަމާއެވެ! އެބައިމީހުންގެ ކިބައިން މުސްލިމުންނަށް ހެވެއް ލިބިދާނެކަމަށް ޤަބޫލުކުރުމަކީ މޮޔަކަމެވެ.

ނަމަވެސް ހިތާމަކޮށް އަޖައިބުވެ އަންތަރީސްވާންޖެހެނީ، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެއް ހަށިގަނޑެއްގެ މިސާލު ޖައްސަވައިފައިވާ އިސްލާމީ އުންމަތުގެ އަޚުންނާއި އުޚުތުން ސީރިޔާ އާއި މިޔަންމާ އާއި އެހެނިހެންވެސް ޤައުމުތަކުގައި ކަތިލެވެމުންދާއިރު، ބާރުހުރި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި ސިފައިންގެ ލަޝްކަރުތައް ކުޅިބަލަން ތިބޭތީއެވެ. ތިމާމެންގެ މުސްލިމް އަޚުންގެ ދިފާޢުގައި ނުތެދުވެވޭނަމަ، ކީއްކުރާ ހަތިޔާރުތަކަކާއި ލަޝްކަރުތަކެއްތޯއެވެ؟ ބައްޝާރާއި އޭނާގެ އަޢުވާނުންގެ އަނިޔާވެރިކަން ހުއްޓުވަން އިސްލާމީ އުންމަތް ތެދުވަންވީ ވަގުތު އަދިވެސް ނުޖެހޭތޯއެވެ؟ ނޫނީ ތިމާމެންގެ އަމިއްލަ ގެދޮރުގައި މި އަލިފާން ރޯވާންދެން ޣާފިލުކަމުގައި ތިބޭނީތޯއެވެ؟

ޙަލަބުގެ ތާރީޚު ހެކިދެނީ އެއްވެސް އަނިޔާވެރިޔަކަށް އެ ސަހަރު ވުޖޫދުން ފޮހެނުލެވޭނެކަމެވެ. އެތައް ހާސް އަހަރެއްވެފައިވާ މި ޤަދީމީ ސަހަރު، ﷲ އިރާދަކުރެއްވިއްޔާ އަދިވެސް އަލުން އަލިވެ އުޖާލާވާނެއެވެ. ޙަލަބު އަދި ތެދުވާނެއެވެ! އިންޝާ ﷲ!

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Insha Allah Adhi muslimunnah nasru dhevvaa kaabiyaabu libeyne.

  2. މިފަހަރު ހަލަބު ގައި ހަނގުރާމަ ކުރި މުރުތަދުންތައް ، ބައްސާރައް ހަލަބް ހަވަލު ކޮއްފަ ، މުސްލިމުމް ކުޑަކުދިންނާއި ، މުސްކުޅިން ނާއި އަންހެނުންގެ އިއްފަތް ބައްސަރައްވިއްކާލާފަ ، އިދްލީބައް ދިޔައީ …FSA , Nusra , އަދިވެސް މި ބައިގަނޑާއި ގުޅިފަިވާ މުރުތަދުން

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!